News / ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
FDC

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

Published on 9 May 2024

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއަށް ފަސްއަހަރު ފުރުމުގެ މުނާސަބާ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ކްރޮސްރޯޑްސްގައި ބޭއްވުނު މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މީގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިންނެވިއެވެ.                                                

ކުންފުންޏަށް ފަސް އަހަރު ފުރިގެން ފާހަގަކުރި މި ޙަފްލާގައި ކުންފުންޏަށް އެދެވޭ މުޙިއްމު ބަދަލުތަކެއްވަނީ ގެނެސްފައެވެ. މިގޮތުން ކުންފުނީގެ ބްރޭންޑިންނަށާއި، ކުންފުނީގެ މަސައްކަތް އިތުރަށްފުޅާކުރުމުގެ ގޮތުން މެންޑޭޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. މީގެ އިތުރުން އެފްޑީސީގެ އޮނިގަޑުވެސް ވަނީ މުރާޖާ ކުރެވިފައެވެ. މި ގެނެވުނު ބަދަލްތަކަކީ އެފްޑީސީގެ ދުރުރާސްތާ ޕްލޭނަށް މަސައްކަތްކޮށް، މި ކުންފުނީގެ ލަނޑުދަނޑިތަށް ޙާއްސިލްކުރުމަށްޓައި ގެނެސްފައިވާ ވަރަށް މުޙިއްމު ބަދަލްތަކެކެވެ.

އެފްޑީސީއަށް ފަސް އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޙަފްލާގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ހަމްދާން ޝަކީލްވަނީ ކުރިއަށްމިދާ 4000 ހައުސިންގ ޕްރޮޖެކްޓްގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ނިންމުމަށްޓަކައި، މި ކޯޕަރޭޝަންގެ އޮނިގަނޑަށް މުހިއްމު ބަދަލުތަކެއްގެނެސްފައިވާކަން ފަހަގަކުރެއްވާފައެވެ. 

އެގޮތުން ރިއަލްއެސްޓޭޓް ޕްރޮޖެކްޓްތައް އިތުރަށް ފުޅާކުރުމަށްޓަކައި ކުންފުނީގެ މެންޑޭޓަށް ބަދަލުތަކެއް ގެނެވި، ކުންފުނި ރީބްރޭންޑްކުރެވިފައިވާކަންވެސް ހަމްދާން ފާހަގަކުރެއްވިއެވެ.              

މީގެ އިތުރުން، ކުންފުނި ރީބްރޭންޑްކުރުމަށްޓަކާ ކުރެވުނު މަސައްކަތްތަކާއި ބޭނުންކުރެވުނު ވަސީލަތްތަކަކީ އިތުރުޙަރަދެއްނުކޮށް، ކުންފުނީގެ ވަސީލަތްތައް ބޭނުން ކޮށްގެން ގެނެވުނު ބަދަލުތަކެއްކަންވެސް ހަމްދާން ފާހަގަކުރެއްވިއެވެ.

އަދި ކުންފުނީގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވީއެންމެއަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ރައްޔިތުންނާ ހަވާލުކުރުންކަމަށްވެސް ވިދާޅުވިއެވެ. އަދި ހަމްދާންގެ ވާހަކަގައިވަނީ އެފްޑީސީގެ ހީވާގި، ތަޖުރިބާކާރު މުއައްޒަފުންނަށް ޙާއްސަ ޝުރުއެއްދަންނަވާ، ކުންފުނީގެ މުއައްޒަފުންގެ ކުރިއެރުމަށްޓަކައި ޙާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް  ވިދާޅުވެފައެވެ. ފާއިތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި، މިހާރު މަސައްކަތް ކުރިއަށްދާ 4000 ހައުސިންގ ޔުނިޓްގެ މާސްޓަރ ކޮންސްޓްރަކްޝަން ޝެޑިއުލް މުރާޖާކޮށް، ބާރު ދުވެއްޔެއްގައި މި ޕްރޮޖެކްޓްގެ ހުރިހާ ހައުސިން ޓަވަރެއްގެ މަސައްކަތް ނިންމުމަށްޓަކައި، އެޅެންހުރި ފިޔަވަޅުތައް އަޅާ، ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ޖުމްލަ 196 ސްލެބްގެ މަސައްކަތްވަނީ ނިމިފައެވެ. މިއަހަރުގެ ތެރޭގައި، މިހާރުކުރިއަށްދާ ހައުސިންގ ޔުނިޓްތަކުގެ 50 އިންސައްތަ މަސައްކަތްނިމި އާންމުނަށް ފެށޭނެއެވެ.

އަދި ބާކީ ޓަވަރުތަކުގެ މަސައްކަތްތަށް ނިމޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.

2019 ވަނަ އަހަރުގެ މާރޗްމަހު އުފެދުނު، 100 އިންސައްތަ ސަރުކާރު ހިއްސާވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މައިގަނޑު މަޤްސަދަކީ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.